1280 × 720 (16:9)
ބުދަ19 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޓެލްކޯގެ އިސްނެގުމަށް ސަރުކާރު ކުންފުނިތަކަށް އަމާޒުކޮށް 'އެޗް.އާރް އިންސައިޓް' ފޯރަމް ބާއްވައިފި

ސްޓެލްކޯއިން އިސްނަގައިގެން 'އެޗް.އާރް އިންސައިޓް' ގެ ނަމުގައި ބޭއްވި ހާއްސަ ފޯރަމްގެ ތެރެއިން----ފޮޓޯ:ސްޓެލްކޯ
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ


ސްޓެލްކޯއިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި 'އެޗް.އާރް އިންސައިޓް' ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.

ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އެވެ. މި ފޯރަމްގައި ސަރުކާރު ހިއްސާވާ 13 ކުންފުންޏަކުން ޖުމްލަ 35 ފަރާތަކުން ބައިވެރިވެފައިވެއެވެ.

300 × 250

މި ފޯރަމް އިފްތިތާހު ކޮށްދެއްވުމަށްފަހު ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފޯރަމުން ފާހަގަވެގެންދާ މުހިންމު އެއް ކަމަކީ އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ ބެލެންސް ޝީޓުން ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށާއި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމަށް އަޒުވަރު ވިދާޅުވިއެވެ.

ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، "އަޅުގަނޑު ދެކޭގޮތުގައި، އެޗް.އާރް ގެ ނަޒަރިއްޔާތުން ބަލާއިރު މި ވޯކްޝޮޕްގެ ތެރެއިން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލެވިދާނެ. ފުރަތަމަ ކަމަކީ، މުވައްޒަފުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް. އެގޮތުން، ހަމައެކަނި އެ ބޭފުޅުންގެ ވަޒީފާގެ މަޤާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް. މުވައްޒަފުން ހޯދުމާއި ވަޒީފާގައި ދެމެހެއްޓުމަށް (ރިޓެންޝަން) ކުރެވޭ މަސައްކަތްތަކުގައި، މުވައްޒަފުންގެ އިޙްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އެޗް.އާރް ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް." މީގެއިތުރުން، ބަދަލުވަމުން އަންނަ މާޙައުލާ އެއްގޮތަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުނަރުތަކާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއި ނިންމަވާ ހަރުދަނާ އަދި އުނދަގޫ ނިންމެވުންތަކަށްޓަކައި ޑރ. އަޒުވަރު ވަނީ އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި