ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'ސައިޓޯޓޮކްސިކް' ކުނި މެނޭޖުކޮށް، ރައްކާތެރިކަމާއެކު ބަންދުކޮށްފައި ބަހައްޓާނެ މަރުކަޒެއް އައްޑޫ ސިޓީގައި ޤާއިމުކުރުމަށްޓަކައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދުގައެވެ.

މި ފަހުމުނާމާގެ ދަށުން ތިމާވެއްޓާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ވިލަރެސްކުރާއިރު، އޭއީއެޗުން ކުނި ރައްކާތެރިކަމާއެކު އުފުލުމާއި މަރުކަޒު ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދޭނެއެވެ. އަދި ވެމްކޯއިން ވަނީ ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ ދަށުން މި މަރުކަޒު ބަލަހައްޓައި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އެއްބަސްވެފައެވެ. މި މަރުކަޒު ޤާއިމުކުރަނީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން، 'އެލިމިނޭޓިންގ ޕާރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމެންޓް އޮފް ކެމިކަލްސް' މަޝްރޫޢުގެ ފަންނީ އެހީތެރިކަމާއެކުގައެވެ.

މި މަޝްރޫޢަކީ 2019 ވަނަ އަހަރުން ފެށިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތް ދެމުން އަންނައިރު، އެފަދަ ނުރައްކާތެރި ކުނި ނައްތާލެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ޖަމާވެފައިވާ ގާތްގަނޑަކަށް 70 ކިލޯގެ ސައިޓޯޓޮކްސިކް ކުންޏަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. މުއްދަތު ހަމަވެފައިވާ ނުވަތަ ބޭނުންނުކުރާ ކީމޯތެރަޕީ ބޭހާއި އެ ތަކެތި ތައްޔާރުކުރަން ބޭނުންކުރާ ސާމާނަކީ ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ގެއްލުންދީ، ސިއްޙީ އެހީތެރިންނާއި ކުނި އުކާ މީހުންގެ ޞިއްޙަތަށާއި ތިމާވެށްޓަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ތަކެއްޗެވެ.

މި މަރުކަޒުގައި 'ސައިޓޯޓޮކްސިކް' ކުނި ރައްކާތެރިކަމާއެކު ބަންދުކުރުމަށް ހަމަޖެހިފައިވަނީ 'ސޯޑާ ލައިމް' އާ އެއްކުރުމަށްފަހު، 'ހައި-ޑެންސިޓީ ޕޮލީއެތިލީން' ފީފާތަކަށް އަޅައި ސިމެންތިން ބަންދުކޮށް، ލޭބަލް ކޮށްގެންނެވެ. މީގެ ސަބަބުން ނުރައްކާތެރި މާއްދާތައް ތިމާވެށްޓަށް ބޭރުވުން ހުއްޓުވައި، ކުނި އެންދުމުން އުފެދޭ 'ޑައިއޮކްސިން' އަދި 'ފިއުރަން' ފަދަ ވިހަ ގޭސްތައް ނުވަތަ 'ޔޫ-ޕޮޕްސް' މަދުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނުރައްކާތެރި ކެމިކަލް ރައްކާކުރާ މަރުކަޒާ އިންވެގެންވާ ބިން މިއަދު ވަނީ ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި މި އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.