ވިޒިޓް މޯލްޑިވްސްގެ އެމްޑީ ޝިއުރީ ޕާޓާގެ އެގްޒެކެޓިވް ބޯޑަށް އިންތިޚާބުވެއްޖެ<ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް އިންތިޚާބުވެއްޖެއެވެ. މިއީ އެ އެސޯސިއޭޝަނުގެ އިސް ނިންމުންތައް ނިންމުމުގައި ވިޒިޓް މޯލްޑިވްސްގެ ދައުރު ފުޅާވެ، އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެކެވެ.
މެނޭޖިންގ ޑިރެކްޓަރ ޝިއުރީ ވަނީ އޮގަސްޓު 2025 އިން ފެށިގެން ޕާޓާގެ ބޯޑު މެންބަރެއްގެ ގޮތުގައި އެ ޖަމްޢިއްޔާގެ ޕްލޭންތައް އެކުލަވާލުމުގައްޔާއި، ފަތުރުވެރިކަމުގެ ދާއިރާގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. އެކްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ޙައިޘިއްޔަތުން، ސަރަޙައްދީ ފަތުރުވެރިކަމުގައި އިސްކަންދޭ މުހިންމު ކަންކަން ކުރިއެރުވުމުގައި ޝިއުރީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޭގެ ތެރޭގައި ފަތުރުވެރި މަންޒިލްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އިޖާދީ އައު ވިސްނުންތަކާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް ހިތްވަރުދިނުމުގެ އިތުރުން، މި ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާން ލީޑަރުން ބިނާކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި މުހިންމު މަޤާމުގެ ސަބަބުން ޕާޓާގެ ސަރަޙައްދީ ނެޓްވޯކުގައި ހިމެނޭ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ކުންފުނިތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖެ އިޝްތިހާރުކުރުމަށާއި، ގުޅިގެން ހިންގޭ މާކެޓިންގ ކެމްޕޭންތައް ފުޅާކުރުމަށާއި، މާކެޓް އިންޓެލިޖެންސްގެ މަޢުލޫމާތު ޙިއްޞާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.މީގެއިތުރުން، މި ފުރުސަތުގެ ސަބަބުން އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމުގައި ރާއްޖޭގެ ދައުރާއި ނުފޫޒު ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.