1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުދާ ކްލިއަރ ކުރުން އަވަސް ކުރުމަށް ސާކްގެ 3 ޤައުމަކުން އެއްބަސްވުމެއްގައި ސޮއި ކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސަރަޙައްދީ 3 ޤައުމެއްގެ ކަސްޓަމްސް އިދާރާތަކުގައި މެދުގައި އެއްބަސްވުމެއްގައި ސޮއިކުރުން----
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

މުދާ އެތެރެކޮށް ބޭރުކުރުން އަވަސް ކުރުމަށްޓަކައި، އުޅަނދެއް އެ ޤައުމަކަށް ބަނދަރު ކުރުމުގެ ކުރިން މަޢުލޫމާތު ބަދަލު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސަރަޙައްދީ ތިން ޤައުމެއްގެ ކަސްޓަމްސް އިދާރާތަކާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން މި މަހުގެ 19 އިން 20 އަށް ކުރިއަށްގެންދާ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީ ގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެ ސޮއިކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލުގެ ކަސްޓަމްސް މުއައްސަސާތަކުންނެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރާ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.

300 × 250

މި އެއްބަސްވުމުގެ ދަށުން، މި ހަތަރު ޤައުމުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކޮށް ބޭރުކުރާ މުދަލުގެ މަޢުލޫމާތު، އެ މުދަލެއް ގެންނަ އުޅަނދު ބަނދަރުކުރުމުގެ ކުރިން އެ އުޅަނދެއް ބަނދަރު ކުރާ ޤައުމެއްގެ ކަސްޓަމްސް އިދާރާއާ ހިއްސާ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. މީގެ ސަބަބުން ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި ހަރުދަނާވެ، ކަސްޓަމްސް މުއައްސަސާތަކުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިއީ ސަރަޙައްދީ އެއްބާރުލުމާއި ކަސްޓަމްސް އިދާރާތައް ގުޅުވާލުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި މުދަލެއް ބަނދަރަށް އައުމުގެ ކުރިން އެ މުދަލަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ލިބުމަކީ، ޤާނޫނާއި ޤަވާޢިދުތައް ތަންފީޒު ކުރުމަށާއި ބޯޑަރު ސަރަޙައްދުގައި ގުޅުން ވަރުގަދަ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ކަސްޓަމްސްއިން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޯޑަރު ސަރަޙައްދުގައި މުދާ ލިބުން ލަސްވުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ލިބި، މުދާ އުފުލުމުގެ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ހަމައެއާއެކު ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި އަވަސްވެގެން ދިއުމަކީ ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި