ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި 4 ވަނަ ހޯދައިފިއެވެ. މި ވަނައާ އެކު އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލް ލިބިފައެވެ.
މި މުބާރާތަކީ ވޭތުވެދިޔަ 46 އަހަރު ދުވަހު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޤުރުއާން މުބާރާތެވެ. މި އަހަރު ބޭއްވި 46 ވަނަ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިވެފައިވާއިރު، މިއީ މި މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން އެ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދިން ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި ޙަރަމްފުޅުގައި ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން ސަޢޫދީ އިސްލާމިކް މިނިސްޓަރާއި، މަސްޖިދުލް ޙަރަމްގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.