މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް ވަޑައިގެންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްދެއްވާފައެވެ. އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރުން ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ޤައުމީ ހިތްވަރު ފާހަގަކުރައްވައި، ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި، ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިއަދު ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ ބައްދަލުކުރައްވާފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހުވެސް ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި އަދި އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވާއިރު، މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫންއާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.



 (1).webp)



ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.