ދައުލަތަށް ލިބުނު ހިލޭ އހީގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް ލިބުނު ކުރިއެރުމެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 11.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޖީ.އެސް.ޓީ އާމްދަނީ 10.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ