ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފިއެވެ.
މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، މަޝްރޫޢުގެ 84 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ބީމް އެޅުމުގެ މަސައްކަތް ކަމަށާ މީގެއިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލަ އެތުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ހާމަކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 310 މީޓަރުގެ އެއްގަމުތޮށި ލުމާއި، 370 މީޓަރުގެ ބޭރުތޮށި ލުމާއި، 266 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 36,527 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ހަމައެއާއެކު، ބަނދަރު ސަރަޙައްދުގައި 1,475 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު އަދި 1.5 މީޓަރު ފުޅާ ކޮންކްރީޓް ފާލަމެއް އެޅުން ވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން މޫރިންގ ރިންގު ހަރުކުރުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މިއީ ޖުމްލަ 69.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.