ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ. ޟިޔާއު މިހެން ވިދާޅުވީ ވިޔަފާރިވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ވިޔަފާރީގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފަންނުވެރިންނާއި، ޑިޒައިނަރުން، ޑިވެލޮޕަރުން އަދި ފްރީލާންސަރުން ފަދަ ހުނަރުވެރި ފަރާތްތަކަށް، އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމުގެ ފުރުޞަތު މިއަދު ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ޑިޖިޓަލް އަދި ކްރިއޭޓަރ އިކޮނޮމީ އަކީ، ޒުވާނުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާޞިލުވުމަށް ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތާއެކު ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ "އުފެއްދުންތެރި އިޤްތިޞާދު" ނުވަތަ ކްރިއޭޓަރ އިކޮނޮމީ ވެގެންދާނީ ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންގެ ކުރިމަގު އަލިވެގެންދާނެ މުހިންމު ކަމަކަށް ކަމަށާއި، މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ޒުވާން ވިޔަފާރިވެރިންނަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ޟިޔާއު ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހި އިޤްތިޞާދު އުފެއްދުންތެރި އިޤްތިޞާދަކަށް ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤާއިމްކުރާ "ކްރިއޭޓަރ ހަބް"ގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުންތެރިންނަށް ލިބޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ ކޯޕަރޭޝަންގެ އަމާޒަކީ އެ ހަބް މެދުވެރިކޮށް އުފެއްދުންތެރިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ބީސީސީ އަބަދުވެސް ދެމިއޮންނާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އިރުޝާދާއި، ތަމްރީނާއި، މާކެޓް ފުރުޞަތުތައް ފަހިކޮށްދީ، މި ޤައުމީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައިކަން ފާހަގަކުރައްވައި ޟިޔާއު ވިދާޅުވީ، "ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބީސީސީން މިދަނީ، ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުން. އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެފަރާތްތަކަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން ފަހި ކުރުމަށް އިސްކަން ދީގެން ޚާއްޞަ މަސައްކަތްތަކެއްވެސް މިދަނީ ކުރަމުން. މިއީ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވެގެންދާނެ،" ކަމަށެވެ.

ވިޔަފާރިވެރިޔަކު ހުރި ރަށަކީ ނުވަތަ ތަނަކީ އޭނާއަށް ލިބެންޖެހޭ ފުރުޞަތުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވައި، ވިޔަފާރީގެ ވިސްނުމުގައި ތިބި ޒުވާނުންނަށް މިއަދު ފަހިވަމުންދާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ކުރިއަށް ދިއުމަށް ބީސީސީގެ އެމްޑީ އިބްރާހިމް ޟިޔާއު ވަނީ އެދިވަޑައިގެންފައެވެ.