1280 × 720 (16:9)
ހުކުރު21 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށް މަޝްވަރާކޮށްފި

ދިފާޢީ ވަޒީރު އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވުން-----ފޮޓޯ: ދިފާއީ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގތައް ދިވެހިރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަނާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ޙަސަން ރަޝީދު، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއަރބޯން ތަމްރީންތަކާއި ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އަދި އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތަކާ ބެހޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

300 × 250

ދިފާޢީ ވުޒާރާއިން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށާއި، އެއަރބޯން އޮޕަރޭޝަންތަކަށް ބޭނުންވާ އައު ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުކުރެއްވުމެއް ކަމަށެވެ.

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަކީ 2009 ވަނަ އަހަރު އިފްތިތާހްކުރި ޚިދުމަތެކެވެ. މިއީ ޚާއްސަ އޮޕަރޭޝަންތަކާއި ކައުންޓަރ ޓެރަރިޒަމް އަދި ރެސްކިއު މިޝަންތައް ހިންގުމަށް ތަމްރީނުކުރެވިފައިވާ އެލީޓް ޔުނިޓެކެވެ. މި ޔުނިޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ނުރައްކާތެރި ހާލަތްތަކުގައި ރަހީނުން ސަލާމަތްކުރުމުގެ އިތުރުން އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުން ހިންގަންޖެހޭ އެންމެ ނުރައްކާތެރި ސާޖިކަލް އޮޕަރޭޝަންތައް ހިމެނެއެވެ. މީގެ ކުރިން މަތިންދާ ބޯޓުން ފުންމާލުމުގެ އަސާސީ އަދި ކުރިއަރާފައިވާ ތަމްރީނުތައް ދިވެހި ސިފައިން ފުރިހަމަކުރަމުން ދިޔައީ ބޭރުގެ އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެންނެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ދިވެހި ސިފައިންގެ ޚިދުމަތަށް ވަނީ އަލަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބިގެންގޮސްފައިވާއިރު، އަސްކަރިއްޔާއަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދިނުމާއި މަތީ ފެންވަރުގެ ތަމްރީންތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި