ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރުމަށް މަޖުބޫރުކުރުމާ ގުޅިގެން، މިހާތަނަށް އެކަމަށް އެދި 45 އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައި ވީނަމަވެސް، އިސްކަންދީގެން ބެލެހެއްޓެނީ ފަސް ސަރަހައްދެއް ކަމަށެވެ. މީގެ ތެރެއިން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަހައްދަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެއް ކަމަށާއި، މި ޒިޔާރަތްތަކުގައި އުޅަނދުތަކުގެ ބުރަފަތިން ޖެހި ފެހުރިއްސަށް އެކިވަރުގެ ގެއްލުންވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި ޤާނޫނަށް ބަދަލުގެނެސް، ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ގާޑު ހަރުކުރުން މަޖުބޫރުކޮށްފައިވާ ކަމަށެވެ. މިއީ ހަމައެކަނި ފެހުރިއްސަށް ލިބޭ ގެއްލުން ކުޑަކުރުމުގެ އިތުރުން، އެ ސަރަހައްދަށް ދާ ފަތުރުވެރިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިހާތަނަށް 6 އުޅަނދެއްގައި ގާޑު ހަރުކޮށްފައިވާއިރު، އުޅަނދު އެހެލުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް، އެކަމަށް 31 ޑިސެމްބަރުގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމުގެ އުޞޫލު އެންމެ ފުރަތަމަ 2009 ގައި އެކުލަވާލި ނަމަވެސް، 2024 ވަނަ އަހަރު ވަނީ އައު ޤާނޫނީ އުސޫލެއް އެކުލަވާލާފައެވެ. މި އުޞޫލުގެ ދަށުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދު "ކޮންޓެކްޓް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، އެއްފަހަރާ ހަރަކާތްތެރިވެވޭނީ ގިނަވެގެން 3 އުޅަނދަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ސަރަހައްދުގައި ދުއްވޭނެ އެންމެ ބާރުމިނަކީ ގަޑިއަކު 5 ނޮޓު ކަމަށާއި، ފެހުރިހީގެ 50 މީޓަރު ކައިރީގައި ދުވެލި ބަހައްޓަންވާނީ ގަޑިއަކު 2 ނޮޓުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.