އެޗްޑީސީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' 6 ވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި "ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން" އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީހެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް،ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެ ކަމަށެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީ 'ވިނަރެސް' އެޗްޑީސީ އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.