1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމް; މަހަކު އެއްފަހަރު ގޭގެއަށް ޒިޔާރަތް ކުރާނެ

123
މަރްޔަމް ޝަފާ ސައީދު
211ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.

މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މަހަކު އެއްފަހަރު ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެފައިވަނީ، މިއީ ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ އިޖްތިމާޢީ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިޖްތިމާޢީ އެހީތެރިކަން ދެނެގަނެވި، ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

300 × 250

"މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ޢާއިލާތަކުގައި އިސްރަށްވެހިން ދާންމަތިވެފައި ތިބޭއިރު އެމީހުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ބޭނުންތަކާއި އަދި އެހީތެރިކަމާއި އަދި އެއާއިއެކީ އެމީހުންނަށްވެސް މުޖްތަމަޢުގައި ޝާމިލްވެގެން އުޅޭ ބަޔަކަށްހެދުން،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އިސްރަށްވެހިންނާއެކު ޒުވާން އުމުރުފުރާގެ ކުދިންވެސް ބައިވެރިވާނެއެވެ. އަދި މި ޕްރޮގްރާމަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ޕްރޮގްރާމްގެ އިތުރުން، ރައްޔިތުންގެ ޙާލަތު ގާތުން ދެނެގަތުމަށް "ހާލު ކިހިނެއް" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން މިހާރުވެސް ކުރިއަށްގެންދާކަމެވެ. އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހިންގާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12,000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، އެފަރާތްތަކުގެ ޙާލަތު ދެނެގަނެފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި