މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ތިނަދޫގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ތިނަދޫ ކޮމެއިނިޓީ ސެންޓަރ ގުޅިގެން ކުރިއަށްގެންދާކަމީ ޒުވާނުންނަށް ލިބިެންދާނެ ބޮޑު ހިންހަމަޖެހުމެކެވެ. މިގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަހުގައި ތިނަދޫގައި ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތްކަމުގައިވާ ފުޓްސަލް މެޗަކީ ތިނަދޫގެ ފުޓްސަލް ކުޅޭ ޒުވާނުންނަށް ހުނަރު ދައްކާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
ތިނަދޫ ޔޫތް ފުޓްބޯޅަ ކްލަބާއި ޓޭޑް ގުޅިގެން ކުރިއަށްގެންދާ މި މެޗުގައި ފެނިގެންދާނީ ޒުވާން ކުޅުންތެރިންކަމަށް ޓޭޑްގެ ނައިބް ރައީސް އަހުމަދު ޝިޔާޛު ނައީމް މައުލޫމާތުދެއްވިއެވެ. މިގޮތުން މިމެޗުގައި ވާދާކުރަނީ ޓޭޑްގެ ޓީމަކާއި ތިނަދޫ ޔޫތް ފުޓްބޯޅަ ކުލަބުގެ ޓީމެކެވެ. މިގޮތުން ޓޭޑުން މިމެޗަށް ނެރޭ ޓީމުގައި ހިމެނޭނީ އުމުރުން 18 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާން ކުޅުންތެރިން ކަމަށެވެ.
މެޗަށް ތައްޔާރުވުމުގެ ގޮތުން ޓޭޑުގެ ފަރާތުންވަނީ ޒުވާންޓީމަށް ބޭނުންވާ އިތުރު ތަމްރީނުތައް ދިނުމަށްޓަކައި ތިނަދޫ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒައިދުގެ އިރުޝާދުތަކާއެކީ ފަރިތަކުރުންތައް ފަށާފައެވެ. އަދި މީގެ އިތުރުން ކީޕަރުން ތަމްރީނު ކުރުމުގައި ތިނަދޫގެ ހުނަރުވެރި ގޯލްކީޕަރ ހުސައިން ފިރާހުވެސް ހަރަކާތްތެރިވޭއެވެ. ޒައިދުއާއި ފިރާހުގެ ތަޖުރިބާއާއި އެކު 23 އޮކްޓޫބަރު 2021ވާ ހޮނިހިރު ދުވަހުގެ 20:30ގައި ތިނަދޫ އާރު އަވަށުގެ ފުޓްސަލް ދަޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ފުޓްސަލްގެ ހުނަރުތައް މިޒުވާނުންގެ ކިބައިން ފެނިގެންދާނެކަމަށާއި މިމެޗަކީ ވާދަވެރި ފޯރިގަދަ، މެޗަކަށް ވެގެންދާނެކަމަށް ޓޭޑްގެ ނައިބް ރައީސް އަހުމަދު ޝިޔާޛު ނައީމް މައުލޫމާތުދެއްވިއެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.