އަޟްހާ ޢީދަށް ދިއްލުމަށް ކުލަ ބޮކިފަތި ހޯދުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ މިއަހަރުގެ ފިޠުރު ޢީދަށް ދިއްލި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރުންވެސް އެހެން ރަށްރަށުން އެރަށްތައް ދިއްލުމަށް އެދި މިހާރުވެސް ކައުންސިލްތަކުން އެވުޒާރާއަށް ގުޅައި، ސިޓީތައް ފޮނުވަމުންދާ ކަމަށެވެ.

"ރަޢީސުލްޖުމްހޫރިއްޔާ ފެއްޓެވި ޢީދު ލައިޓްގެ މި މަޝްރޫޢަކީ އަސްލު ވަރަށް ޕޮޕިއުލާ، ވަރަށް ރައްޔިތުންގެ މެދުގައި މަޤުބޫލު ވެފައިއޭ މިއޮތީ މި މަޝްރޫޢު. އެހެންވީމަ އެނގިވަޑައިގަންނަވާނެ ބައެއް ފަރާތްތަކުން އޭރު އެކަމަށް ކްރިޓިޓިޒަމް ގެންނަން އުޅުނު ކަމުގައިވިޔަސް އަދިވެސް ވަރަށް ޕޮޕިއުލާ ކަމަކަށޭ މިކަން ވެފަމިއޮތީ. ރައްޔިތުންގެ ޑިމާންޑް އެބައޮތޭ އަސްލު މިކަމަށް," ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމަށް މިދިޔަ އަހަރު ފެއްޓެވި ޚާއްޞަ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ތަފާތު އެކި ކުލަބޮކިތަކުން ރާއްޖޭގެ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގެ އިތުރުން ކޮންމެ އަތޮޅެއްގެ ދެރަށް މިއަހަރުގެ ފިޠުރު ޢީދަށް ވަނީ ދިއްލާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، އަންނަ އަހަރަށް އިތުރު ރަށްރަށް ދިއްލާލުމަށް ބަޖެޓްކުރާއިރު މިހާރު ލިބެމުންދާ ޑިމާންޑަށް ރިޢާޔަތްކުރައްވާނެ ކަމަށެވެ. މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވާ ހުކުރު ދުވަސް ކަމަށާއި، މި އަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.