ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް މިރޭ ފޯރިއާއެކު ޖުމްހޫރީ މައިދާނުގައި ނިންމާލައިފިއެވެ. މި ކުލަގަދަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ މުޝީރު، ޢަމީރު ޑރ. މަންސޫރު ބިން މުތްޢިބު ބިން އަބްދުލްޢަޒީޒް އަލް ސަޢޫދުއެވެ. ސައުދީގެ ވަފުދު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. މީގެ އިތުރުން ނައިބު ރައީސާއި، މަޖިލިސް ރައީސް އަދި ދައުލަތުގެ އިސްވެރިންނާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޔާސީ ކުރުނީހުންނެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރާއި، ރާއްޖޭގެ 15 ސްކޫލެއްގެ ދަރިވަރުން ހިމެނޭ ކެޑޭޓް ކޯގެ ފަރާތުން ޝަރަފުގެ ހިނގާލުމެއް ކުރިއަށް ގެންގޮސް، ރައީސުލްޖުމްހޫރިއްޔާއަށް ސަލާމް އަރުވާފައިވެއެވެ. މި އަސްކަރީ ޕެރޭޑާއި ހިނގާލުން މައިދާނުން ނިކުމެ، މާލޭގެ ބޮޑެތި މަގުތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިވަން ދުވަހުގެ އުފާވެރިކަން ރަމްޒުކޮށްދޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން، ޝަހީދު އަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ފަރާތުން ހިތްގައިމު މައިދާނީ ދެއްކުންތަކެއް ހުށަހަޅައިދިނެވެ. މީގެ އިތުރުން، އެމްއެންޑީއެފްގެ ހުނަރުވެރި ހަރަކާތްތަކާއި، "ހޭވައްލާ" ގްރޫޕުގެ ފަރާތުން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ އައިޓަމްތައް ވެސް މި ރަސްމިއްޔާތުގައި ފެނިގެންދިޔައެވެ.

މި ރަސްމިއްޔާތުގެ އެންމެ ފަހު ހަރަކާތަކަށް އޮތީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ހަވާ އެރުވުމުގެ ހަރަކާތެވެ. ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހަކީ، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީހީ ދުވަހެވެ. މިއަހަރު މުޅި ރާއްޖޭގައި މި ފާހަގަކުރަނީ މިނިވަންކަމުގެ 61 ވަނަ ފަހުރުވެރި އަހަރީ ދުވަހެވެ.