މިދިޔަ އެޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ހަތަރު ކުދިން ނަގާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެވުޒާރާއަށް ނަގާފައިވަނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެޕްރީލް މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 146 ކުދިން ތިބިއެވެ. މީގެ ތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ. އަދި މިދިޔަ މަހު ފޯސްޓަރިންގ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއް ކުއްޖަކު ވަނީ ފޯސްޓަރ އާއިލާއަކާ ހަވާލުކޮށްފައެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ހަތަރު ކުއްޖަކަށް މިދިޔަ މަހު ވަނީ ވަޒީފާ ނުވަތަ އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދީފައެވެ. ހެލްޕްލައިންތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައި؛ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2,150 ކޯލް ލިބިފައިވެއެވެ. މީގެ ތެރެއިން ޗައިލްޑް ހެލްޕްލައިން 1412 އަށް 1,778 މައްސަލަ ހުށަހަޅާފައިވާއިރު، 66 މައްސަލައަކީ ކުޑަކުދިން އަމިއްލައަށް ހުށަހެޅި މައްސަލަތަކެވެ. އަދި 1,198 މައްސަލަ ބޮޑެތި މީހުން ހުށަހަޅާފައިވާއިރު، 514 މައްސަލަ ވަނީ ކާކުކަން ނޭނގޭ ގޮތަށް ހުށަހަޅާފައެވެ. އަދި އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 280 މައްސަލަ ހުށަހެޅިފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.