އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. ހޮޓެލް ޖެންގައި ޤާއިމުކޮށްފައިވާ މި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އޮސްޓްރޭލިޔާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ގުޅުމެއް ކަމަށެވެ. އަދި "މެރިޓައިމް ސެކިޔުރިޓީއާއި ތަޢުލީމާއި ޞިއްހީ ދާއިރާއިން އޮސްޓްރޭލިޔާއިން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއްވަމުން" ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އޮސްޓްރޭލިޔާގެ ރޯޔަލް ނޭވީގެ ފަރާތުން ދިވެހިންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް 700 އަށްވުރެ ގިނަ ދިވެހިން ވަނީ އޮސްޓްރޭލިޔާއިން ތަމްރީނު ހާސިލުކޮށްފައެވެ. އޭގެތެރޭގައި މިހާރު ދައުލަތުގެ އިސް މަޤާމުތަކާއި ސިޔާސީ އިސްވެރިންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

1974 ވަނަ އަހަރު ޤާއިމުކުރެވުނު ދެ ޤައުމުގެ ސިޔާސީ ގުޅުމަށް މިހާރު 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރާއްޖޭގައި އެމްބަސީއެއް ޤާއިމުކުރެވުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.