އީދު ދުވަސްތަކާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް އިހުތިފާލުކުރުމުގައި އަތޮޅުތަކާއި ސިޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުގެ ނަތީޖާކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓްރީގެ ހާއްސަ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވެފައި ވަނީ، "ޒަމާންތަކެއް ވަންދެން މިގައުމުގައި ގެއްލިފައިވާ ރީތި އާދަތަކާއި ސަގާފަތާއި، ކުދިބޮޑު އެންމެންގެ މެދުގައި އޮތް ގުޅުންތެރިކަމާއި އެއްބައިވަންތަކަން މިއަދު އާލާވެގެން ދާތަން ފެނުމަކީ ލިބިވަޑައިގަންނަވާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް" ކަމަށެވެ.

އީދާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގައި ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ މެދުގައި ވާދަވެރި ގޮތެއްގައި ހަރަކާތްތައް ކުރިއަށް ގެންގޮސް، ދިވެހިންގެ ޒަމާންވީ އާދަތަކާއި ސަގާފަތް ދިރުވޭނެ މަގުން ކަންކަން ހިނގަމުންދާކަން ފާހަގަކުރައްވައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތާއި އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމުގައި ނަރީޝް ވިދާޅުވިއެވެ.

މި ކާމިޔާބީގެ ހައްގު ޝުކުރު ރައީސަށާއި ސަރުކާރަށް އަދި ރަށްރަށާއި ސިޓީތަކާއި އަތޮޅުތަކުގެ ކައުންސިލުތަކަށް އަދާކުރައްވަމުން، ކަމާ ގުޅުންހުރި އިދާރާތަކުގެ އިތުރަށް މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކުގެ މަސައްކަތްވެސް ނަރީޝް ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އީދާއި، ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފެންނަން އެބައޮތެވެ. މި މަސައްކަތްތަކާއެކު ރަށްރަށުގައި މި ދުވަސްތައް ފާހަގަކުރުމުގެ ފޯރި އިތުރުވެ، އެއް ރަށަށްވުރެ އަނެއް ރަށް، އެއް ސިޓީއަށްވުރެ އަނެއް ސިޓީގައި މި ދުވަސްތައް ފޯރީގައި ފާހަގަކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.