މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުން ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުމާއެކު ތަރިކައިގެ މަޢުލޫމާތުތައް އާންމުވެ، ޅަޖީލުތަކާ ހަމައަށް އެ މަޢުލޫމާތުތައް ވާސިލްވުމަކީ، ރަށްރަށުގައިވެސް ތަރިކައިގެ އާސާރުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިއްދިއްޖެނަމަ އެކި ތަންތަން ފަރުމާކުރާއިރުވެސް ދިވެހީންގެ ސިފަތަކުން ފަރުމާ ވެގެންދާތަން ފެންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. އެއީ ގެސްޓްހައުސްތައް ފަރުމާކުރުންކަމުގައިވިޔަސް، ރެސްޓޯރަންޓްތައް ކަމުގައިވިޔަސް ދިވެހީންގެ ސިފަތަކުން ސިފަ ލިބިގެންވާ ގޮތް ފެންނަމުންދާނެކަން ޤަބޫލުކުރައްވާކަމަށެވެ.