މެލޭޝިއާގައި އިއްޔެގެ ވަގުތެއްގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާގެ ކަންކަން މާދަމާ މެލޭޝިއާގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އުމުރުން 53 އަހަރުގެ ޝައިހް ފަރީދު އަވަހާރަވެފައިވަނީ ދީނީ ދަރުސްތަކެއް ދެއްވުމަށް މެލޭޝިއާއަށް ވަޑައިގަތުމަށްފަހު، އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ޝޭހު މެލޭޝިއާއަށް ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސްތަކެއް ދެއްވުމަށެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ޝައިހް ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު 11:00 އާއި 12:30 އާ ދެމެދުގައެވެ. އަދި ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައި ކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ. ވަޅުލުމަށް ހަމަޖެހިފައިވަނީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ. އަދި ދިވެހިރާއްޖޭގައި ޝޭހުގެ މައްޗަށް ޣައިބު ޖަނާޒާގެ ކަށުނަމާދު ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޝައިހް ފަރީދަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ދީނީ އިލްމުވެރިއެކެވެ.