ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދުު އޮތީ ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް އުއްމީދު ކުރާ އެކުވެރި ގުޅުމެއް ކަމަށް ރައީސުލްޖުްމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ،ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށާއި އެޤައުމުގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެއާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތީ ދެ ފަރާތުގެ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަހައްދީ ސުލްހަވެރިކަމާއި ކުރިއެރުމަށް ދެ ގައުމުން ގެންގުޅޭ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސިންގަޕޫރުގެ ރައްޔިތުންނަށް މެދުނުކެނޑި ލިބެމުންދާ ތަރައްގީ އާއި، އެ ގައުމުގެ އެއްބައިވަންތަކަމާއި ފާގަތިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހެޔޮ ދުޢާ ފޮނުއްވާފައެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުއެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.