ކުޑަކުދިން ގާނޫނާ ހިލާފުވާން މެދުވެރިވާ ސަބަބު ދެނެގަނެ، އެކަން ހައްލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސައިބަރ ސްޕޭސްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި، ކުޑަކުދިންގެ އަދުލު، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލެއްވިއެވެ.

އޮންލައިން މަންސަތަކުގައި ކުޑަކުދިންނަށް ކުރާ މަލާމާތާއި ފުރައްސާރައިގެ ވާހަކަ ދައްކަވަމުން، މިފަދަ ޕްލެޓްފޯމްތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ނުރައްކާތެރިކަން ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ގެންގުޅެނީ ރީހެބިލިޓޭޓިވް އުސޫލެއްކަން ފާހަގަކުރައްވައި، ކުށްކުރާ ކުދިންނަށް ތަޢުލީމު ދިނުމާއި، އެކުދިން އަލުން މުޖުތަމަޢަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ދެނެގަނެ، އެކުދިންނަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ބައްދަލުވުމުގައި، އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްސަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދަވާފައިވާކަން އިޢުލާންކުރެއްވިއެވެ.