އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ތައާރަފު ކުރާނެ ކަމަށެވެ.

އުޅަނދަށް ލިބޭ ގެއްލުންތަކާއި ވަގަށް ނެގުމުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް އެ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ކަވަރު ނުކުރުމަކީ އެތައް ބައެއްގެ ބޮޑު ކަންބޮޑުވުމެއް ކަމަަށާއި، އެކަން ހައްލު ކުރަން ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުންފުނިތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކްގެ އެކި މައްސަލަތައް ހައްލު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ އިސްލާހުތަކާ އެކު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.