ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެނެސްދެމުންދާ "ޓޭލްސް އޮފް ދި މޯލްޑިވްސް" ސީރީޒްގައި މިފަހަރު ގެނެސްދީފައިވަނީ، ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައެވެ. ކުރީޒަމާނުގައި ރާއްޖޭގައި ހިނގައިދިޔަ ކަމަށްބުނާ ލޯބީގެ އަސަރުގަދަ މިހާދިސާ ގެނެސްދީފައިވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ވީޑިއޯއަކުންނެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު އެކްޓްރެސް މަރިޔަމް ޝިފާއާއި އެކްޓަރު ދޮންއައްޔަ ފެނިގެންދާ މިވީޑިއޯ ހާއްސަކޮށްފައިވަނީ، ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ޚުލާސާގެ މައްޗަށް ބިނާކޮށެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރު "ދޮންހިޔަލައާއި އަލިފުޅު" ގެ ވާހަކަ އެއްބަޔަކު ދިވެހިންގެ  "ލައިލާ އާއި މަޖުނޫނު" ކަމުގައި ސިފަކުރާއިރު އަނެއްބަޔަކު ސިފަކުރަނީ އެއީ "ޝީރީނާއި ފަރުހާދު" ކަމަށެވެ. ކޮންމެ ގޮތަކަށް ވިޔަސް ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައަކީ އަސަރުގަދަ އަދި ލޯތްބާއި ކުލުނާއި ޖަޒުބާތު އޭގެ އެންމެ އުސްމިނުގައި ހިމެނިގެން އުފެދިފައިވާ ފަނޑުވުމެއް ނެތް ލޯބީގެ މިސާލެއްގެ މައްޗަށް ބިނާކުރެވުނު ލޯބީގެ ވާހަކައެެކެވެ. ޝިފާއާއި ދޮންއައްޔަ އެކްޓުކޮށް އިނގިރޭސިބަހުން ގެނެސްދީފައިވާ މިވީޑިއޯއިން މައިގަނޑު ގޮތެއްގައި ގެނެސްދީފައިވަނީ، ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައަކީ ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެއް ކާމިޔާބު ކުރުމަށާއި އެލޯބި ދެމިއޮތުމަށް ދެލޯބިވެރިންނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ލިބުނު ވޭންދެނިވި އަނިޔާތަކެވެ. ރީތި ހުސްކުރި އަންހެނެއްގެ ކައިވެނި ކުރެވިގެން ދިޔަ ހަބަރު ލިބުމާއެކު އެވާހަކަ ޅައިމަގު ފަގީރުކޮއި ރަދުންގެ އަރިހަށް މިކަމުގެ ހަބަރުދަބަރު ގެންދިއުމުން، ރަދުން އެރަށަށް ގޮސް. ދޮންހިޔަލަ ވަރިކުރުމަށް އަލިފުޅަށް ދެންނެވުމުން ވަރިކުރުމަށް އަލިފުޅު ދެކޮޅުހެއްދެވުމުން އަލިފުޅު ހަވަރަށްދީ، ދޮންހިޔަލަ ރަހީނުކޮށް މާލެ ގެންދެވުނު ކަމަށާއި، އަދި ހައްޔަރުކޮށްފައި ތިއްބާ ދޮންހިޔަލަ އާއި އަލިފުޅު އެމީހުންގެ ލޯބި ނެތިވިޔަ ނުދިޔުމަށް ރަސްގެފާނުގެ ބަންދުން ފިލައިގެން ދިޔަ ގޮތް އެކުރު ވީޑިއޯގައި ދައްކާފައިވެއެވެ. އަދި ރަދުންނާއި ރަދުންގެ ސިފައިންނަށް ފިލައިގެން އަލިފުޅުގެ ދޯނީގައި އެހެން މަންޒިލަކަށް ދަނިކޮށް ރަދުންގެ ލަޝްކަރު އައިސް ދޮންހިޔަލަ އާއި އަލިފުޅާ ހަމަކުރުމުން ފިލައިދެވޭނެ އިތުރު ގޮތެއް ނުފެނުމުން ކަނޑަށް ފުންމާލާ، ދެމީހުންގެ ލޯބި ސަލާމަތްކުރުމަށް އެދެލޯބިވެރިން އަމިއްލަ ފުރާނަ ގުރުބާން ކުރާ މަންޒަރުވެސް އެވީޑިއޯގައި ދައްކާފައިވެއެވެ.