ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ ސްކޫލަށް އަލިރަސްގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް "ޝަހީދު އަލީ ސްކޫލް" ގެ ނަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އިޢުލާނުކުރެއްވީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މިއަދު ހަވީރު އެ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު ވަޒީރު ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، އަލިރަސްގެފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެ ރަސްގެފާނުގެ ޒިކުރާ އާކުރުމުގެ ގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަމުން އަންނަނީވެސް އެ ރަސްގެފާނަށް ނިސްބަތްކޮށްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަފީޢު ވިދާޅުވި ގޮތުގައި، "ޝަހީދު އަލީ ސްކޫލް" ގެ މަސައްކަތް ނޮވެންބަރު މަހަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ މަހު އެ ސްކޫލުގައި ކިޔަވައިދޭން ފެށުމަށް މިހާރުވަނީ ތައްޔާރީތައް ފަށާފައެވެ.

މި ސްކޫލަށް ދަރިވަރުން ވެއްދުމަށްޓަކައި މިހާރުވަނީ އިޢުލާނު ކުރެވިފައެވެ. އަދި ގިނަ ކުދިން އެކަމަށް އެދި ހުށަހަޅައިފިނަމަ، ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ ހުޅުމާލޭގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.