މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢެކެވެ. ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، "ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު" ދިނުމަށް ވަނީ ނިންމާފައެވެ. އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ރިޒާވްގައި ހިމެނޭ ފަރާތްތަކަށް އެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:

  • ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުން
  • އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުން
  • ޤައުމީ ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުން
  • އަޚްލާޤާއި ސުލޫކު ރަނގަޅު، އުފެއްދުންތެރި ޒުވާނުން ބިނާކުރުން

މި ޕްރޮގްރާމްގެ ސެލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޮންމެ ކެންޑިޑޭޓަކުވެސް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށް ކަމަށް ދިފާޢީ ވުޒާރާއިން ވަނީ އަންގާފައެވެ.