ސަރުކާރުން ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، "މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއް" ކަމުގައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިހާރު ބެހެއްޓިފައިވެއެވެ. އަދި މި ކުތުބުޚާނާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހަދާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދިވެހި އަދީބުންނަށް އެ ބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ. އަދި މި ކުތުބުޚާނާ ހަޤީޤަތަކަށްވެ ހުޅުވިގެން ދިޔައީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް ފާހަގަކުރައްވައި، އެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމާއި، މި ކުތުބުޚާނާގެ ހުޅުވުމާއެކު އެ ވަޢުދުފުޅު ފުއްދުމަށް އިތުރު ފިޔަވަޅެއް އެޅިގެން ދިޔަކަމެވެ.