ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ކިއާރާ އަދްވާނީ އެ މީހުން އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.

ކިއާރާ ވިހާފައިވަނީ ރޭގެ އިރުއޮއްސުނު ފަހުން ކަމަށް ރިޕޯޓްތައް ބުނާއިރު، އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ކިއާރާގެ ހާލު ވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ވިހާފައިވަނީ މުމްބައީގެ ރިލަޔަންސް ހޮސްޕިޓަލަށެވެ. ކިއާރާ އާއި ސިދާތަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. 2021 ވަނަ އަހަރު ނެރުނު ފިލްމު "ޝެރްޝާހް"ގެ ސެޓުން މި ދެ ތަރިން ދިމާވެ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް މި ދެ ތަރިން ކައިވެނިކޮށްފައިވަނީ 7 ފެބްރުއަރީ 2023 ގައި ރާޖަސްތާނުގެ ޖައިސަލްމޭރުގައި ބޭއްވި ހަފްލާއެއްގައެވެ.