ދިވެހި ދައުލަތުގެ ސިއްޙީ ދާއިރާއަށް 47 އަހަރު ވަންދެން މެދުކެނޑުމެއްނެތި މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް، އުމުރުފުޅުން 80 އަހަރުގައި ނިޔާވެއްޖެ އެވެ. އެމަނިކުފާނުގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައެވެ.

އަބްދުލްކަރީމް އާދަމް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1961 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ފުރަތަމަ މަގާމަކީ ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓް (ލޭ ނެގުމާ ބެހޭ) ގެ މަގާމެވެ. އެމަނިކުފާނު ވަޒީފާއިން ރިޓަޔަރ ކުރެއްވީ 2009 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު، އުމުރުފުޅުން 65 އަހަރު ފުރިވުމުންނެވެ.

އަބްދުލްކަރީމް އާދަމް ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، އެ ދުވަސްވަރު ހެލްތު ވޯރކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމަކުން ދެއްވި ތަމްރީނުތަކަށްފަހުގައެވެ. އޭގެފަހުން ކަރީމްބެ ވަނީ އިންޑިއާ އަދި ތައިލެންޑުން އިތުރު ތަމްރީނުތައް ހާސިލުކުރައްވާފައެވެ.

ކަރީމްބެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. މި މަގާމާ ހަމައަށް ވާސިލުވުމުގެ ކުރިން ކަރީމްބެ ވަނީ ޞިއްޙީ ދާއިރާގެ އެކި މަގާމުތަކުގައި ޚިދުމަތްކުރައްވާފައެވެ.

އަބްދުލްކަރީމް އާދަމްގެ ޚިދުމަތަކީ ދިވެހި ޞިއްޙީ ދާއިރާގެ ތަރައްގީއަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ