ވީއައިއޭގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެއާޕޯޓަށް ވަންނަ ޓެކްސީ އަދި ޕްރައިވެޓް ކާރުތައް އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަހައްދުން ޓްރެފިކަށް ބަންދު ކުރެވޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، ޖުލައި 26 ވަނަ ދުވަހުގެ ރޭ 7:00 އިން 11:30 އަށް އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަޙައްދުން އެއާޕޯޓަށް ވަންނަ ޓެކްސީތަކާއި ޕްރައިވެޓް ކާރުތަކުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓުވާލެވޭނެ ކަމަށެވެ. މި ވަގުތީ ފިޔަވަޅާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިފައެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ސަރުކާރުން މި ރަސްމިއްޔާތަށް ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ އެއް ރަސްމިއްޔާތަށް ވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މި ވަގުތީ އިންތިޒާމަށް ސަމާލުކަން ދިނުމަށާއި، އެއާޕޯޓަށް ދަތުރުކުރުމުގައި އިތުރު ވަގުތު ދޭން ޖެހޭނެކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.