މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑާލުމަށް އިސްރާއީލުން ހިންގި އަމަލު ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް ވަދެ، އެ މިސްކިތުގެ ހުރުމަތް ކެނޑާލި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިސްރާއީލުން މި ހިންގި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއް ކަމަށާއި، އިސްލާމީ މުގައްދަސް ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ ނޭދެވޭ އަމަލުތަކުގެ ތެރެއިން އަމަލެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިސްރާއީލުން ކުރަމުންދާ މިފަދا ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކެނޑާލުމަށް ހިންގާ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފައިވެއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.