ސްކޮޓްލޭންޑްގައި މިމަހު 1 އިން 12 އަށް ކުރިއަށްދާ އދ ގެ ކްލައިމެޓް ޗޭންގް ކޮންފަރެންސް "ކޮޕް 26" ގައި ބައިވެރިވުމަށް ހުވަދޫ އެއިޑްގެ ޓީމް އިއްޔެ ފުރައިފިއެވެ.
މިދަތުގެ ތެރެއިން ވޯލްޑް ބަޔޯޑައިވާސިޓީ ސަމިޓް 2021، ޕީޕަލްސް ސަމިޓް ފޮރ ކްލައިމެޓް ޖަސްޓިސް، ވޯލްޑް ކްލައިމެޓް ސަމިޓް 2021- ދި އިންވެސްޓްމެންޓް ކޮޕް ގެ އިތުރުން ކެޕޭސިޓީ ބިލްޑިންގ ހަބްގެ ޕްރޮގްރާމްތަކާއި ކްލައިމެޓް އެކްނަން ނެޓްވޯކުން ބާއްވާ ބައެއް ސައިޑް އިވެންޓްތަކުގައި ހުވަދޫ އެއިޑްގެ ޓީމުން ބައިވެރިވާނެ ކަމަށް އެޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.
ހުވަދޫ އެއިޑް އިން ވިދާޅުވީ، ކްލައިމެޓް ޗޭންޖުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ސަމާލުކަން ހޯދައި މިފަދަ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ބޮޑެތި ގައުމުތަކާއި، އެހީދޭފަރާތްތަކާއި، ބައިނަލް އަގުވާމީ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް އެކިފަރާތްތަކާއި އެކު ގުޅިގެން މަސައްތްކުރާނެއެވެ.
އޭގެ އިތުރުން ހުވަދޫ އެއިޑްގެ ޕްރޮގްރާމްތަކަށް ބޭންވާ މާލީ، އަދި ފަންނީ އެހީތެރިކަން ހޯދައި އެކިފަރާތްތަކާއި ގުޅުން ބަދަހިކުރުމަށް މިސަމިޓްގެ ތެރޭގައި މަސައްކަތްކުރާނެކަމަށާއި، މިގޮތުން ހޯޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކުރުމަށް ހޯޑެއްދޫ ކައުންސިލާއި އެކު ސޮއިކޮށްފައިވާ އެގްރީމެންޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް ޚާއްސަ ސަމާލުކަމެ ދޭނެ ކަމަށްވެސް ހުވަދޫ އެއިޑުން މައުލޫމާތު ދެއްވިއެވެ.
މިސަމިޓްގައި ހުވަދޫ އެއިޑްގެ ފަރާތުން ބައިވެރިވާ 4 އޮފިޝަލުންގެ ޚަރަދު ހަމަޖައްސާފައިވަނީ ޔޫ.އެން.ޑީ.ޕީ އާއި، އެސް.ޓީ.އޯ އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.