1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިނޭ ސްކޫލު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ، ބަނދަރު ތަރައްޤީކުރާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

p9
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ހދ ފިނޭގައި
މަރްޔަމް ޝަފާ ސައީދު
78ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބާރު ދުވެލީގައި ހދ. ފިނޭގައި މިހާރު ކުރިއަށްދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ގިނަ ބަދަލުތަކެއް ގެނަސްދިނުމަށް ރައްޔިތުން އެދިވަޑައިގެންފައިވާކަމަށާ، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގެންނެވި ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެންނެވުމަށްފަހުގައިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެ، ޔަޤީންކަން ދެއްވާފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ހދ. ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ބަނދަރުގެ މަސައްކަތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޝްރޫޢަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަމާއި، އޭގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހިމެނޭކަންވެސް ފާހަގަކުރައްވާފައެވެ. 2026 ވަނަ އަހަރުގެ ބަޖުޓުގައި މިކަންކަން ހިމަނުއްވައި، ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

300 × 250

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަން ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދެއްވާފައެވެ. އެގޮތުން، އެފަދަ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ހދ. ފިނޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު ރަށުގެ ސްކޫލު ހުރި ސަރަޙައްދު ބަދަލުކުރުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއީ ޚުދު އެމަނިކުފާނަށްވެސް ޤަބޫލުފުޅުކުރެއްވޭ، ދެކޮޅުޖެހޭ ކަމެއް ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މިކަމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒު ޤާއިމުކުރުމާއި، ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަންވެސް ކުރިއަށް އެބަހުރިކަމަށާއި، ހަކަތައިގެ ދާއިރާއިންވެސް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހދ. ފިނޭގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިކަންކަމަކީ، ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތަކެއްކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި