1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ: ރައީސް

naha
ރައީސް މުޢިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
މަރްޔަމް ޝަފާ ސައީދު
186ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފަށްޓަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫއަކީ މުޅި ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމުގައެވެ. އެހެންކަމުން ސަރުކާރުގެ އެކި މަޝްރޫޢުތައް ރާވަނީ މި ވިސްނުމުގެ ދަށުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހައުސިން މަޝްރޫޢުގެ ތަފްޞީލު

300 × 250

ހަނިމާދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 500 ހައުސިން ޔުނިޓު އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށާއި، އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓްތައް ޢިމާރާތްކުރުމުގެ މަސައްކަތާއި، ރައްޔިތުންގެ އަމިއްލަ ގޯތިތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓް އެޅުމުގެ މަޝްރޫޢެވެ. "ތިބޭފުޅުންގެ ވަރަށް ގިނަ ގޯތީގައި ގެދޮރު ނޭޅި އެބަހުރި. އެހެންވީމަ 3 ކޮޓަރީގެ އެޕާޓްމަންޓެއް އެ ގޯތިތަކުގައި އަޅައިދޭނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްރޫޢާއި، ކޯޓުގެ ހުކުމަކާގުޅިގެން ހުއްޓިފައިވާ މަޝްރޫޢާއެކު، ޖުމްލަ ތިން ބޮޑު މަޝްރޫޢެއް ހަނިމާދޫގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ހަނިމާދޫގެ ރައްޔިތުންނަށާއި، އެރަށަށް ހިޖުރަކުރާ ފަރާތްތަކަށް ވެސް ބޮޑު ކުރިއެރުމެއް ގެނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިވަގުތުވެސް ހއ. ހަތިފުށި، ހދ. ހޮނޑައިދޫ އަދި ފަރިދޫގެ ރައްޔިތުން ހަނިމާދޫގައި ދިރިއުޅެމުންދެއެވެ.

ތަޢުލީމީ އަދި ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތައް

ތަޢުލީމީ ދާއިރާގައި ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހަނިމާދޫ ސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫޢު ހިމެނެއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 8 ކްލާސްރޫމާއި، ސްޓާފްރޫމާއި، ލެބްތަކާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ ހަނިމާދޫގައި ކިޔަވާ ކުދިންނަށާއި، އެރަށަށް ބަދަލުކުރާ ހިރިމަރަދޫ ކުދިންނަށް ވެސް ޖާގަ ލިބޭނެ ގޮތަށެވެ. "އިރާދަކުރެއްވިޔާ އޭރުން ކުރިއަށް އޮތް ގިނަ އަހަރުތަކަށް މައްސަލަތައް ހައްލުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކުރީގެ ޢިމާރާތް، އަލަށް އެމްއެންޑީއެފަށް ޢިމާރާތްކުރެވޭ އިމާރާތާއެކު، ދާއިމީކޮށް ރީ ލޮކޭޓްވެގެންދާނެ ކަމަށާއި، މިހާރު އެމްއެންޑީއެފަށް ދީފައިވާ ބައު ޢިމާރާތް ހުސްކުރެވި، މަތީ ތަޢުލީމަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

300 × 250

ސިއްޙީ ދާއިރާ އަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ހަނިމާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލް ނިމޭއިރު ރަށުގެ ސިއްޙީ ޚިދުމަތް ވަރުގަދަވާނެ ކަމަށެވެ. އަދި އޭގެ ކުރިން ވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ވަސީލަތްތަކާއި މަގުހެދުމުގެ މަޝްރޫޢު

ރައީސް ވަނީ ހަނިމާދޫގައި ކުޅިވަރުގެ ވަސީލަތްތައް ވެސް ޤާއިމްކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ވޮލީ ކޯޓެއް ވެސް ތަރައްޤީކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ ދަށުން، މިހާތަނަށް ތާރު އަޅައިގެން ބައެއް މަގު ހަނިމާދޫގައި ހެދިފައިވާއިރު، އެއަށްވުރެވެސް އިތުރަށް މަގު ހަދަންޖެހޭތީ، އަންނަ އަހަރާއި އޭގެ އަނެއް އަހަރަށް ބަހާލައިގެން މަގު ހެދުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 17 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި