1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޭޓީއެމް ގާއިމުކުރުމަށް ފާޑުކިޔާ ފަރާތްތަކަށް ރައީސް; މަޤްސަދަކީ ހަމަހަމަކޮށް ހިދުމަތްތައް ދިނުން،

u7
މަރްޔަމް ޝަފާ ސައީދު
241ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފާޑުކިޔާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްދުދެއްވައި، އޭޓީއެމްތައް ގާއިމުކުރެއްވުމުގެ މަގުސަދަކީ މާލީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. އެފަދަ ފަރާތްތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމުގެ މުހިއްމުކަން ރަށްރަށުގެ ރައްޔިތުންނަށް ނުވިސްނޭނަމަ، އެކަންކަން އާދައިގެ ކަންކަމުގެ ގޮތުގައި ދައްކުވައިދެވިދާނެ ކަމަށެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ އަދި އަދުގެ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ހިދުމަތެއް އެންމެހައި ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭޓީއެމްގެ ހިދުމަތް ބައެއް ރަށްރަށުގައި ނެތުމުން އެ ހިދުމަތް ހޯދަން އޭޓީއެމް ހުންނަ ރަށްރަށަށް ދަތުރުކުރުމުގެ ބޮޑު ތަކުލީފުތަކެއް ރައްޔިތުން ތަހައްމަލުކުރަންޖެހޭ ކަމަށެވެ.

300 × 250

"އެހެންނޫނީ މިވާ ގޮތަކީ މި އޭޓީއެމްތައް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރިން އޭޓީއެމް ހުންނަ ރަށްރަށަށް އަތުން ފައިސާ ހަރަދުކޮށްފައި ފައިސާ ޖަމާކުރަން ނުވަތަ ނަގަން ދާންޖެހެނީ. އެކަމަކު މިހާރު (އޭޓީއެމް ހިދުމަތް ގާއިމުވުމުން) ވަރަަށް ފަސޭހަވޭ. އަދި އެ ރަށްރަށުގައި އެކި މަސައްކަތްކުރާ ފަރާތްތަކަށްވެސް މާލީ މުއާމަލާތްތައް ކުރަން ފަސޭހަވޭ،" ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ހިންގާ ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 500 މީހުންގެ ޖާގައިގެ، ލައިބްރަރީ އަދި ކްލާސް ރޫމު ޖާގަ ހުންނަ ތަނަވަސް މިސްކިތެއް ބިނާކުރުމުގެ މަޝްރޫއުގެ އިތުރުން، އެ ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތާއި، ޕޮލިސް ސްޓޭޝަނާއި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ފެށުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނެއްލައިދޫގެ ސިއްހީ މަރުކަޒުގެ ވަސީލަތްތައް ތަރައްގީކޮށް މުވައްޒަފުން އިތުރުކޮށްދީ، 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަންވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުމްލަ 105 ރަށުގައި ކައުންސިލު އިމާރާތް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ނެއްލައިދޫ ކައުންސިލުގެ އިމާރާތުގެ މަސައްކަތް މިއަދު ފެށިގެން ދިޔައެވެ. މި މަޝްރޫއުގެ ދަށުން 55 ކައުންސިލު އިމާރާތްކުރަނީ ސަރުކާރުގެ ހަރަދުގައެވެ. އަނެއް 50 ކައުންސިލު އިމާރާތް އަޅާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ.

ނެއްލައިދޫއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެ ރަށުގައި 60 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރެވުނުއިރު، ބަނދަރުގައި ޖެޓީ ހެދުން އަދި މަގުހެދުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި