ހުޅުމާލެ ކޮމިއުނިޓީ އެލިއަންސް (އެޗްސީއޭ)އިން ބާއްވާ މެޑިކަލް ކޭމްޕް، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާ މި ހަރަކާތް ވަނީ މޫސުން ތަން ނުދޭތީ ލަސްކޮށްފައިވާއިރު، އެޗްސީއޭ ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް އަންނަ ހޮނިހިރު ދުވަސްކަމަށްވާ ސެޕްޓެމްބަރު ހަ ވަނަ ދުވަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޑިކަލް ކޭމްޕަކީ ދިރިއުޅުމުގައި ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

މި ކޭމްޕުގައި ދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ދަތުގެ ފަރުވާއާއި، ނޭފަތް ކަރު އަޑުގެ ޚާއްޞަ ފަރުވާގެ އިތުރުން، ލޮލުގެ ފަރުވާއާއި އަންހެނުންގެ ޚާއްޞަ ފަރުވާ ހިމެނެއެވެ. އަދި މީގެ އިތުރުން ހަކުރުބަލި ޓެސްޓްކުރުމާއި، ހަށިގަނޑުގެ ބަރުދަން ބެލުމާއި، ނަފްސާނީ ކައުންސެލިންގ އަދި ފަރުވާގެ އިތުރުން ކަށީގެ ޑޮކްޓަރުގެ ފަރުވާއާއި ހަމުގެ ތަފާތު ބަލިތަކުގެ ފަރުވާ ހިމެނެއެވެ.