މާދަމާރޭ ރާއްޖޭގައި ހަނދުކޭތަ ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، އާދީއްތަ ދުވަހުގެރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 1:11 ގައި ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ސާކިއުލާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 1:55 ގައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އާދީއްތަ ދުވަހުގެ ރޭގަނޑު 23:12 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލް އިދާރާތަކަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.

މީގެއިތުރުން، ކޭތަ ނަމާދުގެ ހުތުބާ އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހަނދުކޭތައަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއް ކަމަށްވެފައި، މި ވަގުތުގައި ކޭތަ ނަމާދު އަދާކުރުމަކީ ސުންނަތް ކަމެއްގެ ގޮތުގައި އިސްލާމީ ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާފައެވެ.