ޤައުމުގެ އުފެންދުންތެރިކަމާއި ކުރިއެރުން ގުޅިލާމެހިފައިވަނީ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާއި ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ޚާއްސަ މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

ވަޒީރު ވިދާޅުވީ ދުޅަހެޔޮ އާބަދީއަކަށް ވުރެ ވަކިން ބޮޑު ނިޢުމަތެއް ޤައުމަކަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ޤައުމުގެ އުފެންދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ސިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.