ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރާ މެދު ހިތްހަމަ ނުޖެހިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިމަމް ވޭޖާ މެދު ހިތްހަމަ ނުޖެހިގެން މިހާތަނަށް ދެރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އިހުތިޖާޖު ކޮށްފައިވެއެވެ. އިހްތިޖާޖުގައި ބައިވެރިވި މުވައްޒަފުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ އިސްތިއުފާ އަށް ވަނީ ގޮވާލާފައެވެ. އަދި ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވާ އަދަދަށްވުރެ ބޮޑަށް ފައްޔާޒް މިނިމަމް ވޭޖް ކުޑަކުރުމުން އެކަމާ ގުޅިގެން ވެސް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވައުދުވި ގޮތަށް މިނިމަމް ވޭޖް 10،000ރ. އަށް ބޮޑު ނުވުމެވެ.

ރޭގައި މުޒާހަރާ ކޮށްފައިވަނީ ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގަ އެވެ. ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ ޓީމުން ބުނީ މިރޭ ވެސް އިތުރު ރިސޯޓުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރާނެ ކަމަށެވެ.