ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދައި، ތައްޓާއެކު ރާއްޖެ އައި ޤައުމީ ފުޓުބޯޅަ ޓީމަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސްރީލަންކާ އަތުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެން، މި ފަޚުރުވެރި ކާމިޔާބީ ޤައުމީ ޓީމުން ހޯދީ ދިވެހިންނަށް އުފާވެރިކަމާއި ފަޚުރުވެރިކަން ގެނެސްދެމުންނެވެ.
ޤައުމީ ޓީމު ރާއްޖެ އައުމާއެކު، އެއާޕޯޓުން މަރުޙަބާ ދެންނެވުމަށް، ކުޅިވަރު ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅިވަރު އާއިލާގެ އެތައް ބޭފުޅުންނެއް ވަނީ ބައިވެރިވެފައެވެ. މިގޮތުން، ކަމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްއާއި، މިނިސްޓްރީގެ އިސްވެރިން ވަނީ ޓީމަށް މަރުޙަބާ ދަންނަވައިފައެވެ. ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްސަ އައިޓަމެއްވެސް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ޤައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު، 3:45 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ. މި ހަފްލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ. ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.