ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ސުމުދް ފްލޮޓީލާގެ ބޯޓުތަކަށް އިޒްރޭލު ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ ދުއްތުރާތަކާ ގުޅިގެން، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) ދަތުރުކުރަމުންދާ އޮބްޒާވަރު ބޯޓު މިއަދު ވަނީ ސައިޕްރަސްއާ ދިމާލަށް މިސްރާބު ޖަހާފައެވެ.

އައިއޭސީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ދެއްވި މައުލޫމާތުގައި، ޝާޒް ދަތުރުކުރަމުންދާ ބޯޓަކީ ސީދާ ޣައްޒާއަށް ދަތުރުކުރާ ބޯޓެއް ނޫން ކަމަށާއި، އެއީ ފްލޮޓީލާގެ ބޯޓުތަކަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރާ އޮބްޒާވަރު ބޯޓެއްކަން ފާހަގަކުރެއްވިއެވެ.

"އެ ބޯޓުގައި ތިބޭނީ ސްޓިއަރިންގް ކޮމިޓީގެ މީހުންނާއި މި މޫވްމަންޓްގެ ހެޑް މީހުން. އެމީހުންގެ ޒިންމާއަކީ ފްލޯޓީލާ ދަތުރުކުރަމުން ދާއިރު ބޯޓުތަކާ ކައިރިކޮށް ކާއެއްޗެއްސާއި އެއްޗެހި ބޭނުންވޭތޯ، އެކަހަލަ ކަންކަން ބެލެހެއްޓުން," އަޒްހަދު ވިދާޅުވިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ވަނީ ފްލޯޓީލާގެ ބޯޓުތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން، އެންމެ އެކަށީގެންވާ ގޮތަކީ އެއްގަމުގައި ތިބެގެން ބޯޓުތަކަށް އެހީތެރިވުން ކަމަށް ފެންނާތީ، އޮބްޒާވަރު ބޯޓު ސައިޕްރަސްއަށް ދިއުމަށް ނިންމާފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދީފައިވެއެވެ.

ގްލޯބަލް ސުމުދް ފްލޮޓީލާގައި 40 އަށްވުރެ ގިނަ ބޯޓު ބައިވެރިވެފައިވާއިރު، 44 ގައުމަކުން 500 އަށްވުރެ ގިނަ އެކްޓިވިސްޓުން މި އިންސާނީ މަސައްކަތުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މި ފްލޮޓީލާގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމައިގެ ސަބަބުން ގެއްލުންތައް ލިބެމުންދާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ.