ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުތަކުގެ ތެރެއިން އެންމެ ބޯޓެއް ފިޔަވައި އެހެން ހުރިހާ ބޯޓެއް ހިފަހައްޓައި، އެ ބޯޓުތަކުގައި ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ފްލޮޓިލާގައި ރާއްޖެ ހިމެނޭ ގޮތުން 46 ގައުމެއްގެ 497 މީހުން ބައިވެރިވެފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ ޕާލަމެންޓް މެންބަރުންނާއި، ގާނޫނީ ވަކީލުންނާއި، ސިޔާސީ ޝަހްސިއްޔަތުންނާއި، ނުފޫޒުގަދަ އެކްޓިވިސްޓުންނާއި އާންމުންގެ ލޯބި ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ދީފައިވާ މައުލޫމާތުގައި، "ހުރިހާ އެންމެންގެވެސް ހާލު ރަނގަޅު. އެ މީހުން ސަލާމަތުން އިސްރާއީލަށް ދަތުރު ކުރަމުން އަންނަ އިރު، އެ މީހުން އަނބުރާ ޔޫރަޕަށް ފޮނުވާލާނެ" ކަމަށް ބުނެފައިވެއެވެ. އަދި މިހާތަނަށް އެއްވެސް އުޅަނދެއް ހަނގުރާމަވެރި ސަރަހައްދަކަށް ވަދެފައި ނުވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ފްލޮޓިލާގެ ބޯޓުތަކުގައި ތިބި ފަރާތްތަކުން ބުނަމުންދަނީ އިސްރާއީލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އެމީހުންގެ ބޯޓުތަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ކޯޓުގައި ފިޔަވަޅު އެޅޭނެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުން އިތުރަށް ބުނެފައިވަނީ މިވަގުތު އަދިވެސް ކަނޑުމަތީގައި އޮތް އެންމެ ބޯޓު، އެކްޓިވް ކޮމްބެޓް ޒޯނަކަށް ވަދެ ހުރަސް އަޅަން މަސައްކަތް ކޮށްފިނަމަ، އެ ބޯޓުވެސް ހުއްޓުވާނެ ކަމަށެވެ.