އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް އެކްސްޕޯސްޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ހިންގި މި ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނު އަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ޙަރަކާތެއް ކަމަށެވެ.
މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ، "އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް," ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، ފުލުހުންގެ އޮފިސަރެއްގެ އަތުން ޑިއުޓީގައި ހުއްޓާ ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއްކަމަށް ނުބެލެވޭނެ ކަމަށާއި، އެއީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސްއެޅުން ކަމުގައެވެ. https://twitter.com/HucenSembe/status/1974443878880026993?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1974443878880026993%7Ctwgr%5Ea889b9079d8eef1fac32cba2a50e5e3e13e0d375%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F166180 ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ، މި މުޒާހަރާއިން ދޭހަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތްކަމާއި، ޤައުމުގައި ހަމަނުޖެހުން ހިންގަން ރައްޔިތުން ބޭނުން ނުވާކަމަށެވެ. މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވަނީ ފުލުހުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްއަށް ތަޢުރީފުކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެއްވެސް ބަޔަކު ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަކީ އާންމު ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މުޒާހަރާ ކުރިއަށްދިޔައިރު، އެމްޑީޕީން ވަނީ ކުރިން އެއްބަސްވެފައިވާ މަގުތަކާއި އުސޫލުތަކާ ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންނާ ދެކޮޅަށް އަމަލުތައް ހިންގާފައެވެ. މީގެ ތެރޭގައި ގަލާއި ފުޅި އުކުމާއި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ އެމްޑީޕީން ވަކާލާތު ކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. އަދި މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.