މިރޭ މާލޭގެ އަސްރުމާ ގޯޅީގައި ހިނގި ހަމަނުޖެހުމެއްގަ ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި އެކަކުގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނިގޮތުގައި، މިރޭ 19:11 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށއ މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ފާއިތުވި އަހަރުތަކުގައިވެސް މާލޭގައި ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީގެ މައްސަލަތައް އިތުރުވަމުން އައުމާއެކު، މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މިގޮތުން ބިދޭސީން ދިރިއުޅޭ ސަރަހައްދުތަކުގައި ޕެޓްރޯލިންގ އިތުރުކޮށް، އަދި ބިދޭސީންނާއެކު ބައްދަލުވުންތައް ބާއްވައި، މިފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.