އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެންފުށީ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފެންފުށީގައި ފެށި މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކާއެކު ފެންފުއްޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއްގެނެސް ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. މީގެއިތުރުން، އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތާއެކު ހިނަވާގެއެއްވެސް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސިއްޙީ ދާއިރާއަށް އަމާޒުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮޖެކްޓް ސްކޯޕަށް ބަދަލުތަކެއްގެނެސް ރައްޔިތުން އެދޭ ފެންވަރަށް ތަނުގެ ޚިދުމަތްތައް ފުޅާކޮށްދެއްވޭނެ" ކަމަށެވެ. އަދި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށް އައު ޚިދުމަތްތައް ޤާއިމްކުރެއްވުމަށް ރޭވިފައިވާކަމަށްވެސް ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާއަށް ގެންނަން ރޭވިފައިވާ ބަދަލުތަކުގެ ތެރޭގައި، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުމާއި، ކްލާސްރޫމްތައް އޭސީކުރުން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ދުވާ ޓްރެކެއް ޤާއިމްކުރުމާއި ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ލައިޓްތައް ޤާއިމްކުރުންވެސް ހިމެނެއެވެ. 1200 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭ ފެންފުށީގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިފަދަ މައްސަލަތައް ހައްލުކުރުމަށް އެއްބަސްވުންތައް ބާޠިލުކޮށް، އަލުން މަސައްކަތްތައް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.