އދ. ފެންފުށީގައި 300 މީހުންގެ ޖާގައިގެ އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކޭ އެންޑް އެފް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ކޭ އެންޑް އެފް ހޯލްޑިންގގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު އަކްރަމްއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭނެއެވެ. މީގެ އިތުރުން މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއްވެސް ހިމެނޭނެއެވެ. އަދި މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރެވިފައި ހުންނާނެކަމަށް މަޢުލޫމާތު ދެއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ގޮތުގައި މި މިސްކިތާއެކު އާ ހިނަވާގެއެއްވެސް އިމާރާތްކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދެވިފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ނިމުމުން އދ. ފެންފުށީގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު މިސްކިތެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.