މިފަހުން ފާސް ކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގައި ކުރިޔާ ޚިލާފަށް ގިނަ ދާއިރާތައް ދިވެހިންނަށް ޚާއްޞަ ކޮށްފައި ވާނެ ކަމަށް އިގުތިސާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ފުރަތަމަ ފާސްކޮށްފައިވަނީ 1979 ވަނަ އަހަރުގައެވެ. މިދިޔަ 45 އަހަރުގެ ތެރޭގައި އާ ގާނޫނެއް ފާސްކުރެވިފައި ނުވާތީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލުތަކާ ގުޅޭ ގޮތުން އާ ގާނޫނެއްގެ ބޭނުން ވަރަށް ބޮޑަށް އޮތީ ޖެހިފައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގައި ދިވެހިންނަށް ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމަށް އިސްކަންދެއްވާނެ ކަމަށް ވަޢުދުވެފައިވާތީ، މި ގާނޫނު ތަންފީޒު ކުރުމަކީ އެ ވަޢުދުގެ މުހިންމު ފިޔަވަޅެއް،" ކަމަށް ސަޢީދު ވިދާޅުވިއެވެ.

އައު ގާނޫނަށް ޢަމަލުކުރާއިރު އެކުލަވާލަންޖެހޭ އުސޫލުތަކާއި، ބޭރުގެ ފަރާތްތަކުން ހަރަކާތްތެރިވާނެ ދާއިރާތައް ކަނޑައެޅުމުގައި، ވަރަށް ފުޅާ ދާއިރާއެއްގައި އެކި ސިނާޢަތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމަށާއި، ދިވެހިންނަށް އިޤްތިޞާދީ ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މި މަހުގެ 3 ވަނަ ދުވަހު ޢަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން، ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ބައިނަލްއަޤްވާމީ މިންގަނޑުތައް ހިފެހެއްޓުމަށްވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ދިވެހި ވިޔަފާރިވެރިންނަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާއިރު، ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ރާއްޖެއަކީ އިތުރަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.