އދ. މަހިބަދޫ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި، މާފަރުފަޅަށް ކޮންމެހެން ދާންޖެހޭ ހާލަތްތައް ފިޔަވައި އިތުރު ހާލަތްތަކުގައި ނުދިޔުމަށް އެދިއްޖެއެވެ. މަހިބަދޫ ކައުންސިލުގެ އިދާރާއިން މި އެދުން އައިސްފައިވަނީ އެ ރަށުގެ އިހްތިސާސްގައި ހިމެނޭ މާފަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. ކައުންސިލުން ބުނީ އެފަޅުގައި އުފައްދާ ފަސްގަނޑަށް މީހުން ދިޔުމުން ދިމާވެދާނެ ގެއްލުން ކުޑަކުރުމަށާއި ފަރުދުންގެ ރައްކާތެރިކަމަށް ޓަކައި، އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެ ފަސްގަޑަށް މީހުން ދިޔުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. މާފަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއު އދ. މާފަރުފަޅު ތަރައްގީކުރުމާއި އާބަން ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށުނެވެ. މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް އެންޑް ފްލޭނިން ވަޒީރު މޫސާ ޒަމީރާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ދާއިރާގެ މަޖިލިސް މެމްބަރާއި މަހިބަދޫ ކައުންސިލްގެ ރައީސެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމައި މަހިބަދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މުޅި އަތޮޅަށް ވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ މާފަރު ފަޅު ހިއްކުމާއި އާބަން ސެންޓަރު ތަރައްގީކުރުމަކީ އެންމެ މުހިންމު ވައުދުފުޅު ކަމަށާއި، މި މަޝްރޫއުތަކުގެ ސަބަބުން އެތައް ކަންކަމަކަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ.
ކޮންމެހެން ދާންޖެހިގެން ނޫނީ މާފަރުފަޅަށް ނުދިޔުމަށް އެދިއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.