ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އިފްތިތާހު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ. ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިއަހަރުގެ މަހާސިންތާ ވަނީ ކުރީގެ އަހަރުތަކާ ތަފާތު ގޮތަކަށް ފަރުމާކުރެވިފައެވެ. މި އަހަރުގެ މަހާސިންތާގެ އެންމެ ބޮޑު އެއް ތަފާތަކީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމެވެ. "މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ" ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. ކުރީގެ އަހަރުތަކުގައި ބޭއްވުނު މަހާސިންތާތަކާ ޚިލާފަށް، މިފަހަރުގެ މަހާސިންތާގައި މުދައްރިސުންގެ ބައިވެރިވުން އިތުރުކޮށް، ސީދާ މުދައްރިސުންގެ ލެވެލްގައި މަޝްވަރާކޮށްގެން ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މި މަހާސިންތާގައި ކުރިއަށް ގެންދެވޭ މަޝްވަރާތަކުން ނިކުންނަ ނަތީޖާތަކަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަންކަން ކަމަށް އުއްމީދު ކުރެވެއެވެ.
ޕްރިންސިޕަލުންގެ މަހާސިންތާ؛ 210 ޕްރިންސިޕަލުންނާއެކު ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.